މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ އިންތިހާބުގައި ގިނަ އަދަދެއްގެ އާއްމުން ނިކުމެ އިންތިހާބުގައި ބައިވެރިވުމުން ދޭހަވެގެން ދަނީ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި މިނިސްޓަރު ހަލީލް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތައް އިންތިހާބު ކުރުމަށާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ މެދު ދެކޭގޮތް ހާމަކުރުމަށް ދިވެހި ރައްޔިތުން ވޯޓުލާފައިވާ ކަމަށެވެ.

އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 73 އިންސައްތަ މީހުން ބައިވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ.

"މިއީ މިހާތަނަށް ލޯކަލް ކައުންސިލް އިންތިޚާބެއްގައި ރެކޯޑު ކުރެވުނު އެންމެ މަތީ އަދަދެވެ. އަދި މިއީ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ވަރަށް ސާފުކޮށް ހާމަވެގެންދިޔަ ކަމެކެވެ،" ހަލީލް ވިދާޅުވިއެވެ.

ކައުންސިލްތަކުގެ ގޮނޑިތައް ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަމުން ހަލީލް ވިދާޅުވީ އިންތިހާބުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް އޮމާން ކަމާއެކުގައި ކަމަށެވެ.

"މިއީ ޑިމޮކްރެޓިކް ނިޒާމާއި ހަމަޖެހުން ވަރުގަދަކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ،" އިނގިރޭސި ބަހުން ހަލީލް ކުރެއްވި ޕޯސްޓުގައިވެއެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، މުޅި ރާއްޖޭގައި ޝާމިލު ތަރައްގީއަށް ސަރުކާރުން ދެއްވާ އިސްކަން ކުރިއަށް އޮތް ތަނުގައިވެސް ދަމަހައްޓަވާނެ ކަމަށެވެ.