ކައުންސިލް އިންތިހާބާ ދިމާކޮށް، ސަރުކާރުން އދ. ދަނގެތީގައި ހިންގި މަޝްރޫއުތަކާ އެކު ވެސް، ޕީއެންސީ ކެންޑިޑޭޓް ބަލިކޮށް، އެ ރަށު ކައުންސިލް ރައީސްކަމުގެ ގޮނޑި ދަނގެތީގެ ކުރީގެ ރައީސް އަބްދުލް ހަންނާން މުހައްމަދު ކާމިޔާބު ކުރައްވައިފިއެވެ.
ހަންނާން އެ ގޮނޑި ކާމިޔާބު ކުރެއްވީ ފަސް ވޯޓުގެ ތަފާތަކުންނެވެ. ހަންނާން ވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައި، ދެ ދައުރެއްގައި ދަނގެތީގެ ރައީސްކަން ކުރައްވާފައެވެ. ނަމަވެސް މިފަހަރު އޭނާ ވާދަ ކުރެއްވީ އަމިއްލަ ގޮތުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބު ހަންނާން ކާމިޔާބު ކުރެއްވީ 302 ވޯޓުންނެވެ. ޕީއެންސީ ކެންޑިޑޭޓަށް ލިބުނީ 297 ވޯޓެވެ.
އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ހަންނާން ވަނީ އެމްޑީޕީ ދަނގެތި ދާއިރާގެ ރައީސްއާ އެކު، އެ ރަށަށް ވަޑައިގެންފައެވެ. އެ ދެބޭފުޅުން ދަނގެއްޗަށް ވަޑައިގެންނެވުމުން ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ހަންނާން ވިދާޅުވީ އޭނާ އިންތިހާބު ކާމިޔާބު ކުރެއްވީ އިހުލާސްތެރި ތެދުވެރި މަސައްކަތުން ކަމަށާއި ރައްޔިތުން އޭނާ އިންތިހާބު ކުރީ ލާމަރުކަޒީ ސިސްޓަމް ދަންނާތީ ކަމަށެވެ. އިންތިހާބުގައި ކުރި ހޯދުނީ މުޅި ސަރުކާރު ދަނގެއްޗަށް "ބަންޑުން" ކޮށްލާފައި ވަނިކޮށް ކަމަށް ހަންނާން ވިދާޅުވިއެވެ.
"ސަރުކާރު އެއްކޮށް މި އޮތީ މިތަނަށް ބަންޑުން ޖަހާލާފައި. އޮއްވާ މަޑުމަޑުން ކެތްރިކަމާ އެކު، އެއްވެސް ބައެއް އެއްވެސް މީހަކަށް ރައްދެއް ނުދީ މަޑުމަޑުން އެ ދިޔަ ގޮތަށް ގޮސް އިންތިހާބު ނަގާފައި މި އޮތީ،" ހަންނާން ވިދާޅުވިއެވެ.
ހަންނާން ވިދާޅުވީ ސަރުކާރުން އެ ރަށުގައި ގިނަ މަޝްރޫއުތަކެއް ފެށުމުން އުފާ ކުރައްވާ ކަމަށާއި ކައުންސިލް ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެ ޕްރޮޖެކްޓުތައް ހަލުވި ސްޕީޑުގައި ހިންނެގުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކައުންސިލް އިންތިހާބާ ދިމާކޮށް، ސަރުކާރުން ދަނގެތީގައި ފެށި މަޝްރޫއުތަކަކީ 27 ހެކްޓަރުގެ ބިމެއް ހިއްކަން ފެށުމާއި ބަނދަރު ބޮޑުކުރުމާއި ޕޮލިސް ސްޓޭޝަނެއް އެޅުމާއި ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް އެޅުމާއި ވޯޓަރ ޕާކެއް ތަރައްގީ ކުރުމާއި ޖިމެއް ހެދުމުގެ މަސައްކަތެވެ.
ހަންނާން ވިދާޅުވީ އޭނާގެ ފަސް އަހަރުގެ ދައުރުގައި ދަނގެއްޗަކީ ލޯކަލް ޓޫރިޒަމްގެ ބްރޭންޑަކަށް ހައްދަވާނެ ކަމަށެވެ.
ޗެއާޕާސަންގެ މަގާމުން ޣަފޫރު ވަކިކުރަން ހުށަހަޅައިފި
ވަކިކުރި ސަލްމާގެ މަގާމު އަލުން އިޔާދަކޮށްފި
ހަނގުރާމަ މެދުކަނޑާލަން އެއްބަސްވުމާއެކު ތެލުގެ އަގުވެސް ދަށަށް
ދަނގެތި ރަން ގޮނޑި، ހަންނާނަށް
ގިނަ ބަޔަކު ވޯޓުލުމުން ދޭހަވަނީ މުއައްސަސާތަކަށް ކުރާ އިތުބާރު