ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި ދާދިފަހުން މަރުވި ކުއްޖާ ފުލުހުންގެ ނަންބަރު 911 އަދި ފުލުހުންގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު (އެފްސީޕީޑީ) އަށް ގުޅާ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި ނަމަވެސް ފުލުހުން އެކަމަށް ސަމާލުކަން ދީފައި ނުވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެކިއެކި ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތައް ހޯމް މިނިސްޓަރު އަލީ އިހުސާން ދޮގު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ވެސް އެ ކުއްޖާއާ ގުޅޭ ކަންކަމުގައި ފުލުހުން ވަނީ މުއާމަލާތްކޮށްފައެވެ. އަދި އެ ހާލަތްތަކުގައި ފުލުހުން އާއިލާއާ ގުޅިގެން ކުއްޖާއަށް ބޭނުންވާ ފަރުވާގެ ކަންކަން ފޯރުކޮށްދިނުމުގައި އެހީތެރިވެފައިވާ ކަމަށް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވި ގޮތުގައި، މީގެ ކުރިން ވެސް އެ ކުއްޖާގެ މައްސަލަތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދާފައިވެއެވެ. އެގޮތުން ފުލުހުން އެ ކުއްޖާ ހުރި ތަނަށް ގޮސް، އާއިލާގެ ބައިވެރިވުމާއެކު ފަރުވާ ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ވިކްޓިމް ސަޕޯޓް ޔުނިޓުގައި މަސައްކަތް ކުރަނީ އެ ދާއިރާއިން ތަމްރީނު ލިބިފައިވާ ނަފްސާނީ އިލްމުވެރިންނާއި މާހިރުން ކަމަށެވެ. ނަމަވެސް، އެ ކުއްޖާއަށް ވިކްޓިމް ސަޕޯޓުގެ ފަރާތުން އެންމެ އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެވުނުތޯ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ކުއްޖާ ނިޔާވުމުގެ ކުރިން ވިކްޓިމް ސަޕޯޓް ލައިނަށް ގުޅައި ދެއްކި ވާހަކަތަކުގެ ތަފްސީލީ ތާވަލެއް ނުވަތަ ޓައިމްލައިނެއް މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ.

  • އޭޕްރީލް 20 ވަނަ ދުވަހުގެ ރޭގަނޑު 8:40ގައި ކުއްޖާގެ ފަރާތުން ފުލުހުންގެ ވިކްޓިމް ސަޕޯޓް ވައިބާ ނަމްބަރަށް ކޮށްފައިވާ މެސެޖު - "އައި އޭމް ސޯ ކްލޯޒް ޓު ގިވްއަޕް"
  • 8:49 ވިކްޓިމް ސަޕޯޓުން އެ ކުއްޖާއަށް ރެސްޕޮންޑްކޮށްފައިވޭ
  • 8:50 - އެ ކުއްޖާ ވިކްޓިމް ސަޕޯޓުން ކުރި މެސެޖަށް ރިޕްލައިކުރި - "އައި ޖަސްޓް ކާންޓް ކޮންޓްރޯލް މައި ތޯޓްސް"
  • 8:53 ގައި ޖެހިޖެހިގެން ތިން މެސެޖް ކުރި
  • 8:53 - "ޕްލީސް ޑޯންޓް ކޯލް އެނީވަން"
  • 8:53 - "އައި އޭމް އޯކޭ"، "އައި އޭމް ގޮއިންގް ޓު ބީ އޯކޭ" "އައި ހޭވް ބީން އޯކޭ"
  • 8:56 - "އައި އޭމް ގޮއިން ފޯ ވޯކް"

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި އެއަށްފަހު އެކުއްޖާގެ އެއްވެސް މެސެޖެއް ނުލިބޭ ކަމަށެވެ. ނަމަވެސް އެރޭގެ 12؛38ގައި އަނެއްކާވެސް އިތުރު މެސެޖެއް ލިބުނު ކަމަށް ވިދާޅުވިއެވެ. އެ މެސެޖުގައި "އައި އޭމް ގޯން" މިފަދައިން ބުނެފައިވާ ކަމަށާއި 12:42ގައި އެ ކުއްޖާގެ މެސެޖަށް ފުލުހުންގެ ވިކްޓިމް ސަޕޯޓުން ޖަވާބުދީފައިވާ ކަމަށާއި އެގޮތުން ޖަވާބުގައި "ވަޓް ޑޫ ޔޫ މީން ބައި ދެޓް"، "ހައު ކެން އައި ހެލްޕް ޔޫ"، "ވުޑް ޔޫ ލައިކް ޓު ގޯ ޓު ހޮސްޕިޓަލް އޯ ޓު ޓޯކް ޓު މީ" މިފަދައިން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފުލުހުން ފޮނުވި އެ މެސެޖަށް އެއްވެސް ޖަވާބެއް އަންހެން ކުއްޖާގެ ފަރާތުން ނާންނަ ކަމަށާއި އަދި އޭގެ 15 މިނެޓު ފަހުން 12:57 ގައި ވައިބާ އޮފްލައިންވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުއްޖާގެ މުއާމަލާތްތައް މެދުކެނޑި އޮފްލައިންވި ފަހުން، ރޭގަނޑު 12:36 ހާއިރު އޭނާގެ ބޭބެއަށް "އައި އޭމް ނޮޓް ބޮދާޑް" މިފަދައިން މެސެޖެއް ކޮށްފައިވާކަން ފުލުހުންނަށް އެނގުނެވެ. މިކަމާ ގުޅިގެން ދަންވަރު 1:02 ގައި ފުލުހުން ބޭބެއަށް ގުޅައި، ހިނގަމުންދާ ކަންކަން ހިއްސާކޮށް، ކުއްޖާއަށް އެހީތެރިވުމަށް އާއިލާގެ މެންބަރުން އެތަނަށް ދިއުމަށް އެދުނު ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އޭގެ ފަހުން، ވިކްޓިމް ސަޕޯޓުގެ ފަރާތުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި، ހާލަތު ބަޔާންކޮށް އެ ތަނަށް ފުލުހުން ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސިއެވެ. އަދި 1:04 ހާއިރު ފުލުހުންގެ އެފްސީޕީޑީގެ ޑިއުޓީ އިންވެސްޓިގޭޝަން އޮފިސަރަށް ވެސް މި މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. ފުލުހުންނަށް ދަނާލަށް ވަދެވުނީ 1:08 ގައެވެ.

ދަނާލަށް ވަނުމަށްފަހު، 1:14 އާ ހަމައަށް ފުލުހުން އިދާރީ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރީ ކުއްޖާ ހުރި ކޮޓަރި ދެނެގަތުމަށެވެ. ގިނަ މަސައްކަތްތަކަކަށްފަހު 1:32 އެހާކަންހާއިރު ކޮޓަރި ހޯދުނު ނަމަވެސް، ކޮޓަރި ތެރޭގެ ބޮކިތައް ހުރީ ނިއްވާލާފައެވެ. ފެންލައިޓުން ބެލިއިރު ކުއްޖާ ނިޔާވެފައި ހުރިތަން ފެނުމުން، ފުލުހުން ކޮޓަރި ތެރެއަށް ވަނީ ފެންލައިޓް ހަލާކުކޮށްލައިގެން ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވިއެވެ.