ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިންޑިއާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ދެއްވި ދައުވަތަކަށް މިނިސްޓަރު އިރުތިޝާމް މިއަދު ވަނީ އެ ގައުމަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފައެވެ.
މިއީ ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިރުތިޝާމް ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭރުގެ ޑިޕްލޮމޭޓަކީ ވެސް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ ބާލާސުބްރަމާނިއަމްއެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ޖައިޝަންކަރާއި އިރުތިޝާމް ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އާއި އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ގުރޭޝާ ބައިވެރިވެވަޑައިގަންނަވައެވެ.
ކުރިން އިނގިރޭސިވިލާތުގެ ސަފީރުކަން ކުރެއްވި އިރުތިޝާމް ޚާރިޖީ ވަޒީރުކަމަށް އައްޔަންކުރެއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އޭނާއަކީ މި ސަރުކާރުގެ ތިންވަނަ ފޮރިން މިނިސްޓަރެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވީ ޑރ. އަބްދުﷲ ހަލީލެވެ.
ރައީސް މުއިއްޒު ކެބިނެޓަށް މި ބަދަލުތައް ގެންނެވީ 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ބަދަލަކީ ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ސަރުކާރު ހިންގުމަށް ގެނައި އިސްލާހީ ބަދަލެކެވެ. މި ބަދަލުތަކާ އެކު ބައެއް ވުޒާރާތައް އެއްކޮށްލައި، އަލަށް އައްޔަންކުރި ހަތަރު ވަޒީރުންގެ ތެރޭގައި އިރުތިޝާމް ހިމެނިވަޑައިގަންނަވައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ