ސަރުކާރުން މިހާރު ބޮޑުކޮށްފައިވާ ސިނގިރޭޓުގެ ޑިއުޓީ އަލުން މުރާޖައާކޮށް، ކޮންމެ ސިނގިރޭޓަކުން ނަގާ އަދަދު ހަތަރު ރުފިޔާއަށް ދަށްކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.
އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް މި ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ޕީއެންސީގެ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
މި އިސްލާހުގެ މައިގަނޑު އަމާޒަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ބާރުއެޅުމާއެކު، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށް އިގްތިސޯދީ ގޮތުން މަގުފަހިކޮށްދިނުމެވެ.
މި ބަދަލާއެކު ސިނގިރޭޓާއި ބިޑީގެ އިތުރުން ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް އިން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކަނޑައަޅައި، އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތައަށް ބަދަލުކުރުމަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން، ދުންފަތުގެ އާދައިން ދުރުވުމަށް އެހީތެރިވެދޭ ނިކޮޓިން ޗުއިންގަމާއި ޕެޗް ފަދަ ސިއްހީ ވަސީލަތްތައް ހެޔޮ އަގުގައި ލިބޭނެ ގޮތް ހެދުމަކީވެސް މި އިސްލާހުގެ މުހިންމު ބައެކެވެ.
އެގޮތުން ދުންފަތް ހުއްޓާލުމަށް ބޭނުންކުރާ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކޮށް، އާންމުންނަށް އެފަދަ ތަކެތި ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ވަނީ ނިންމާފައެވެ.
ދެހާސް ސައުވީސް ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ 110 ރުފިޔާއިން 250 ރުފިޔާއަށް އުފުލިފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ