ހުޅުމާލެ ފޭސް 1 ގައި ހިމެނޭ އެޕާޓްމަންޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން ހަތަރު ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 ޖޫން 27 ވަނަ ދުވަހުގެ ހެނދުނު 6:05 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ، ހުޅުމާލޭ އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން ވަނީ އެ އެޕާޓްމަންޓް ބަލައި ފާސްކޮށްފައެވެ.

އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ ތެރޭގައި ތަހުގީގަށް ބޭނުންވާނެ މުހިންމު ހެކިތަކެއް ފުލުހުން ވަނީ އެއްކޮށްފައެވެ.

އޭގެ ތެރޭގައި ބަނގުރާ ހުސްކޮށްފައި ހުރި ކަމަށް ބެލެވޭ ފުޅިތަކެއް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ. އެއީ 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންގެ އިތުރުން 34 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުންނެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހިންނެވެ.