އެމްޑީޕީގެ ހިންގުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި އެކުލަވާލާފައިވާ މަގުޗާޓު އަމަލީގޮތުން ހިންގުމަށް ހާއްސަ ކޮމިޓީއެއް އުފައްދައި، އެ ކޮމިޓީ އިސްކޮށް ބަލަހައްޓަވާ މުގައްރިރަކަށް ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ހަމަޖައްސައިފައެވެ.
ވޭތުވެދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމާ ގުޅިގެން، ޕާޓީގެ އޮނިގަނޑު އިސްލާހުކުރުމުގެ މަސައްކަތްތަކެއް ކުރުމަށް އޭރު ވަނީ ނިންމައިފައެވެ.
ފައްޔާޒުގެ ޗެއާޕާސަން ކަމުގެ ދައުރުގައި ޕާޓީގެ އަސާސީ ގަވާއިދާއި އިދާރީ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ހިމެނޭ މަގުޗާޓެއް ވަނީ ތައްޔާރުކޮށްފައެވެ.
އެމްޑީޕީން ހާމަކުރި ގޮތުގައި، މި މަގުޗާޓުގެ މަސައްކަތްތައް ނިންމައި އެކަންކަން ތަންފީޒު ކުރުމަށް މިހާރު ވަނީ ފައްޔާޒު އިސްވެ ހުންނަވާ ކޮމިޓީއާ ހަވާލުކޮށްފައެވެ.
މި ކޮމިޓީގައި ފައްޔާޒުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) ގެ އިތުރުން ކުރީގެ މެންބަރުން ކަމަށްވާ އިމްތިޔާޒް ފަހްމީ އާއި މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަދި ޔާސިރު އަބްދުލްލަތީފް ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން ޕާޓީގެ އިދާރީ ނައިބު ރައީސް އިބްރާހީމް ވަހީދާއި، މާލީ ނައިބު ރައީސް އަހުމަދު އަބްދުﷲ އާއި، ލީގަލް ޑައިރެކްޓަރު މައުރޫފް އަހުމަދު އަދި ކުރީގެ ލީގަލް ޑިރެކްޓަރު މަހުފޫޒް ސައީދު ވެސް މި ކޮމިޓީގައި ހިމެނިވަޑައިގަންނަވައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު، ޕާޓީގެ އޮނިގަނޑަށް ބަދަލުތައް ގެނެސް އާ ކޮމިޓީތައް ދަނީ އެކުލަވާލަމުންނެވެ. އެގޮތުން "ބޮޑު ބަދަލު" ގެ ނަމުގައި އާ އޮފީހެއް ވެސް ދާދިފަހުން ވަނީ ހުޅުވައިފައެވެ.
ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އިސްކޮށް ހުންނަވައިގެން ހިންގާ މި އޮފީހުގެ ބޭނުމަކީ ނަޝީދާއި ފައްޔާޒު ހުށަހަޅުއްވާފައިވާ ސިޔާސަތުތަކަށް ޕާޓީގެ ތެރެއިން ތާއިދު ހޯދައި، އެކަންކަން އަމަލީގޮތުން ތަންފީޒު ކުރުމެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ