ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތީ ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި އޮތުމުން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ގަބޫލުފުޅު ކުރެވޭ ނަމަ، މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ވެސް މަޖިލިސް ނުހުއްޓި ކުރިޔަށް ގެންދަން ޖެހޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ ނަޝީދު ބޭނުންފުޅުވުމުން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ދާކަން މިއަދުގެ މަޖިލިސް ޖަލްސާ އަށް ބަލާލުމުން ވެސް ފާހަގަ ކުރެވުނު ކަމަށެވެ. އެހެންކަމުން ވޭތުވެދިޔަ ދެ ދުވަހުގެ ޖަލްސާތައް ވެސް އެމަނިކުފާނު ބޭނުންފުޅުވީ ނަމަ ބޭއްވުނީސް ކަމަށް މިއުވާން ވިދާޅުވިއެވެ.
ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި މަޖިލީހުގެ ޖަލްސާތައް ހުއްޓުވާލާފައި ވަނީ ސަރުކާރުންނެވެ. އަދި އެކަން ސަރުކާރުން ކޮށްފައި ވަނީ ގަސްތުގައެވެ. މަޖިލީހުގެ ޖަލްސާތައް ހުއްޓުނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުންނެވެ.
މިއުވާން މިއަދު ވިދާޅުވީ ނަޝީދު ދެއްކެވި ވާހަކަތަކުގެ އެއްވެސް އަސްލެއް ނެތްކަން މިއަދު ވެސް އެނގިގެން ހިނގައްޖެ ކަމަށެވެ. އެއްވެސް އިދާރާއަކުން މަޖިލިސް ޖަލްސާތައް ބޭއްވުމަށް ވަކި ކަމެއް ކޮށްފައި ނުވާކަން ފާހަގަކުރައްވާ މިއުވާން ވަނީ ނަޝީދު ބޭނުންފުޅުވުމުން މިއަދުގެ ޖަލްސާ ކުރިޔަށް ދިޔަ ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ ނިޒާމެއްގައި ގާނޫނު ހަދާ މަޖިލިސް ހުއްޓިފައި އޮވެގެން ނުވާނެ ކަމަށާއި އެއީ ގާނޫނު އަސާސީން ވެސް އަދި މަޖިލީހުގެ ގަވާއިދުންވެސް ތަންދޭ ކަމެއް ނޫން ކަމަށް މިއުވާން ވިދާޅުވިއެވެ. ސަރުކާރުން ވެސް އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން ވެސް ފާހަގަކުރަމުން ގެންދަނީ އެ ނުކުތާ ކަމަށް މިއުވާން ވިދާޅުވިއެވެ.
"މަޖިލިސް ހުއްޓިފައި އޮތީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް 54 މެންބަރުން ސޮއި ކުރައްވާ ހުށަހަޅާފައި އޮވެގެން ކަމަށްވާ ނަމަ މަޖިލީހުގެ ރައީސް ކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވާފައި ނަމަވެސް މަޖިލިސް ކުރިޔަށް ގެންދަން ޖެހޭނެ،" މިއުވާން ވިދާޅުވިއެވެ.
މަޖިލިސް ހުއްޓިފައި އޮތުމުން ގެއްލުން ވެގެން ދާނީ ސަރުކާރަށް ނޫން ކަމަށް ވިދާޅުވެ، މިއުވާން ވަނީ އެކަމުގެ ގެއްލުން ލިބިގެން ދާނީ ރައްޔިތުންނަށް ކަމަށް ވިދާޅުވެފައެވެ. ސަބަބެއް ކަމަށް މިއުވާން ވިދާޅުވީ މަޖިލީހުގައި އޮތް ބިލުތަކަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ސީދާ ފައިދާތަކެއް ވާނެ ކަންކަން ކަމަށެވެ. ނަމަވެސް ބަޔަކު އެކަން ކުރަމުން ދަނީ ސިޔާސީ ބޭނުމަށް ކަމަށް މިއުވާން ފާހަގަކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ