ސަރުކާރުގެ ބާރާއި ނުފޫޒު ނުފޯރުވާ ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ އަމިއްލަ އިހްތިޔާރުގައި ހުކުމް ކުރުމުގެ ފުރިހަމަ އިހްތިޔާރު މިއަދުގެ ސަރުކާރުން ދީފައިވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެއްޓުމުގެ ގޮތުން އެމަނިކުފާނު މިއަދު ވަނީ ށ. އަތޮޅުގެ ރަށްތަކަށް ދަތުރު ފައްޓަވައިފައެވެ. މިއަދު މެންދުރު ފަހު ރައީސް ސޯލިހާ އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ވަނީ ށ. ނޫމަރާ އަށް ވަޑައިގެންފައެވެ.
ނޫމަރާ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ އެންމެ މުހިއްމު އެއް ކަމަކީ ގާނޫނީ އިމުގެ ތެރެއިން ކަންތައްތައް ކުރުން ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާ މިއަދު މިނިވަންވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ހަމަޖެހުމާއި ސިޔާސީ ހަލަބޮލިކަމުން ނިކުމެ ތިބެ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން. މިއަދު އަޅުގަނޑުމެންނަށް ފެންނަ ތަރައްގީގެ ގިނަ މަސައްކަތްތަކަކީ މި ދެންނެވި ހަލަބޮލިކަމާއި ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ވިސްނުން އިސް ކުރުމުން ލިބެމުންދާ ނަތީޖާ،" ރައީސް ވިދާޅުވިއެވެ.
މިއަދު އަނެއްކާވެސް ރައްޔިތުންގެ ގާތަށް އައީ މިހާރު ފަށާފައިވާ މަސައްކަތްތަކައިގެން ކުރިޔަށް ދިއުމަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ނޫމަރާގެ ރައްޔިތުން ތިބީ އެ މަސައްކަތައިގެން ކުރިޔަށް ދިއުމަށް ތައްޔާރަށް ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީ އަދި އެމްޑީއޭއާއެކު ކޯލިޝަން ހަދައިފައެވެ. ރައީސް ވަނީ އެ ދެ ޕާޓީ އަކީ ރައްޔިތުންނަށް ހެޔޮ އެދޭ އަދި ގައުމަށް ހިދުމަތް ކުރުމަށް ތިބި ދެ ސިޔާސީ ޕާޓީކަން ފާހަގަކުރައްވާފައެވެ. އެ ދެ ޕާޓީގެ ވިސްނުމަކީ ވެސް އެމްޑީޕީގެ ވިސްނުން ކަމަށާއި ގައުމު ކުރިއަރުވާ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ރައީސް ވަނީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ގާތުގައިވާ ވައުދުތައް އެ ދެ ޕާޓީއާއެކު ކުރިޔަށް ގެންގޮސް، ފަސް އަހަރުގެ ތެރޭގައި އެކަންކަން ފުރިހަމަ ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ