ދިވެހިރާއްޖޭގެ އާންމު ޞިއްޙަތު ރަނގަޅުކުރުމަށްޓަކައި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ދުޅަހެޔޮކަން ކަށަވަރުކުރުން ވަރަށް މުހިއްމު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށްދާ ޕަބްލިކް ހެލްތު ކޮންފަރެންސްގައި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުން 100އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
ވިލާ ނޯޓިކާގައި މި ކޮންފަރެންސް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. ޕަބްލިކް ހެލްތު ކޮންފަރެންސް ކުރިއަށް ގެންދެވެނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި މިނިސްޓްރީ އޮފް ހެލްތާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެންނެވެ. އަދި މި ކޮންފަރެންސް ބޭއްވެނީ އިންޓަރނޭޝަނަލް އޮފިސް އޮފް މައިގްރޭޝަން (އައި.އޯ.އެމް) އަދި ސާރކް ޑިވެލޮޕްމަންޓް ފަންޑު އަދި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ އެހީގައެވެ.
އެޗްޕީއޭގެ ބަޔާނުގައި ފާހަގަކުރި ގޮތުގައި، ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ 4 މީހަކުން އެކަކަކީ ބިދޭސީއެކެވެ. އަދި ރާއްޖޭގެ މަސައްކަތްކުރާ އާބާދީގެ %43އަކީ ބިދޭސީންނެވެ. އެހެންކަމުން، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި، މި ބޮޑު އާބާދީގެ ޞިއްޙީ ހާލަތު ރަނގަޅުކުރުމަކީ ޤައުމީ ފެންވަރުގައި އަހައްމިއްޔަތުކަން ދޭންޖެހޭ ކަމެކެވެ.
ނަމަވެސް، ބިދޭސީންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން އެޗްޕީއޭއިން ފާހަގަކުރެއެވެ. އޭގެ ތެރޭގައި، ރާއްޖޭގައި ކޮންޓްރޯލްވެފައިވާ ނުވަތަ ނައްތާލެވިފައިވާ ގައިންގަޔަށް އަރާ ބަލިތައް، އެންމެ ގިނަ ބިދޭސީން ރާއްޖެއަށް އަންނަ ޤައުމުތަކުގައި އަދިވެސް ފެތުރެމުންދިއުން ހިމެނެއެވެ.
މީގެ އިތުރުން، ބިދޭސީން ދިރިއުޅޭ އަދި މަސައްކަތްކުރާ މާހައުލުގެ ހާލަތާއި، ވިސާނެތި އުޅުމާއި، މާލީ ހާލަތު އަދި މުޖުތަމައުގައި އެމީހުން ތަހައްމަލުކުރަންޖެހޭ ތަފާތުކުރުން ފަދަ ކަންކަމަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް އަދި ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ލިބުމަށް ހުރަސްއަޅާ މުހިއްމު ކަންކަމެވެ.
މި ހުރަސްތަކުން އަރައިގަނެ، ރާއްޖޭގައި އުޅޭ ބިދޭސީންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ޤައުމީ ފެންވަރުގައި ވިލަރެސް ކުރުމަށްޓަކައި ސަރުކާރުން ވަނީ މިއަހަރު 'މައިގްރަންޓް ހެލްތު ޕޮލިސީ' ނުވަތަ ބިދޭސީންގެ ޞިއްޙަތުގެ ސިޔާސަތު ތަންފީޒުކުރަން ފަށާފައެވެ. މި ކޮންފަރެންސްގެ ތެރެއިން، މި ޕޮލިސީގައި ހިމެނޭ ފަސް ދާއިރާގެ ތެރެއިން ތިން ދާއިރާއަކާ ގުޅޭގޮތުން މަޝްވަރާކޮށް، ޕޮލިސީ ތަންފީޒު ކުރުމަށް ހަރުދަނާ ހުށަހެޅުންތަކެއް ލިބިގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ޕަބްލިކް ހެލްތު ކޮންފަރެންސްއަކީ އާންމު ޞިއްޙަތަށް އަސަރު ކުރާ މުހިއްމު ކަންކަމާ ގުޅޭގޮތުން ތަޖުރިބާއާއި މައުލޫމާތު ބަދަލުކޮށް، ކަމާބެހޭ ކަރުދާސްތަކާ ދިރާސާތައް ހުށަހަޅާ، އެކި ދާއިރާތަކުގެ މާހިރުން ބައިވެރިވެ އާންމު ޞިއްޙަތުގެ ކަންކަމަށް ޙައްލު ހޯދުމަށް ޚިޔާލު ބަދަލުކުރުމަށް ބޭއްވޭ މުހިއްމު ފޯރަމްއެކެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި