ރާއްޖެއަށް އެތެރެކުރި 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގެ ތަހުގީގުގައި ފޯނު ހުޅުވަން އެންގުމުން އެކަމަށް އިންކާރުކުރި މައްސަލާގައި ދެ މީހަކު ކުށްވެރިވެ, އެކަކު ގޭ ބަންދާ އެކު 32,000ރ. އިން ޖޫރިމަނާކޮށްފި އެވެ.
2020 ވަނަ އަހަރުގެ މާޗް މަހު މަސް ދޯންޏެއްގައި ރާއްޖެ އެތެރެކުރި 61 ކިލޯ ޑްރަގް މައްސަލާގެ ތަހުގީގުގައި ފޯނު ހުޅުވަން ދެކޮޅު ހެދުމުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގައި ޖޫރިމަނާގެ އަދަބެއް އައީ މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރި މ. ބޮއިލިންފިޝް އަހުމަދު ވިސާމާއި މ. ވިރާހް މުހައްމަދު ޝާމިންގެ މައްޗަށެވެ.
މި ދެ މީހުންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލުމުން އެ ދައުވާ ސާބިތު ނުވި އެވެ. ނަމަވެސް އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވީ ކޯޓު އަމުރެއްގެ ދަށުން އެ މީހުންގެ ފޯނު ހުޅުވަން އެންގުމުން އެކަމަށް އިންކާރުކޮށް, ހެކި ފޮރުވާފައިވާތީ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައިވަނީ ވިސާމާއި ޝާމިން ދައުވާއަށް އިންކާރުކުރި ނަމަވެސް ކޯޓު އަމުރާ ހިލާފްވެ, ފޯނު ހުޅުވަން އެ މީހުން ދެކޮޅު ހެދިކަން ސާބިތުވާ ކަމަށެވެ. އަދި އޭގެ ސަބަބުން ބައެއް ހެކިތައް ގެއްލިގެން ގޮސްފައިވާ ކަމަށް ހުކުމުގައިވެ އެވެ.
މި ކުށުގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށްވީ ނަމަވެސް ވިސާމް ބަންދުގައި ދެ އަަހަރު ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.
ޝާމިން ބަންދުގައި ހޭދަކުރި ހަތް މަސް ދުވަސް އުނިކުރުމުން ބާކީ އޮތީ 11 މަހުގެ ޖަލު އަދަބެކެވެ. އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކޯޓުން ނިންމީ އޭގެ ތެރެއިން ހަ މަހުގެ ޖަލު އަދަބު ގޭ ބަންދަށް ބަދަލުކޮށް އަދި ބާކީ ފަސް މަސް ޖޫރިމަނާއަށް ބަދަލު ކުރުމަށެވެ.
ހަ މަހުގެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލު ކުރުމުން ޖެހެނީ އެއް އަހަރުގެ ގޭ ބަންދަކަށެވެ. އަދި ފަސް މަހުގެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލު ކުރުމުން ދައްކަން ޖެހެނީ 32,6000 ރުފިޔާ އެވެ. މި ފައިސާ އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން ވަނީ އަންގައިފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ