ދެހާސް އަށާވީސް ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށްޓަކައި އެޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝާހިދު އެ މަގާމުން އިސްތިއުފާ ދެއްވަވައިފިއެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައި މިވަނީ މިރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައެވެ. އެ ޖަލްސާ އަކީ ޝާހިދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން ބޭއްވި ޖަލްސާއެކެވެ.

ޝާހިދަކީ އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅާއެވެ. މީގެއިތުރުން ޝާހިދު ވަނީ އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފައެވެ.

ޝާހިދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވިއިރު މިހާރުވެސް އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވާ އިތުރު ބޭފުޅަކު އެބަ ހުއްޓެވެ. އެއީ އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި އަދި އެޕާޓީގެ ޗެއާޕާސަންގެ މަގާމުވެސް ކުރިން ފުރުއްވި ފައްޔާޒު އިސްމާއީލެވެ.

މީގެއިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ޕްރައިމަރީގައި ވާދަކުރެއްވުމާއި ގުޅޭ ގޮތުން ގާތް ބޭފުޅުންނާއި އަންނަނީ މަޝްވަރާ ކުރައްވަމުންނެވެ.