މިމަހުގެ ހަވަނަ ދުވަހުގެ ރޭ ގއ. ކުޑަލަފަރީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ގޮސްފައިވާ ފުންމިނަކީ ނިއުކްލިޔާ އަދި އަސްކަރީ ސަބްމެރިންވެސް އޮޕަރޭޓް ކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މި ދޯނިން ގެއްލުނު މީހުން ހޯދުމަށް އެމްއެންޑީއެފް އިން ކުރާ މަސައްކަތާއި ގުޅޭ ގޮތުން މިރޭ އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނީ ދޯނި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތް ސިފައިން ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ގެއްލޭ އުޅަނދުފަހަރާއި މީހުން ވައިގެ މަގުން ހޯދުމުގެ ޤާބިލުކަން އެމްއެންޑީއެފަށް ލިބިފައިވާތީ، މި ހާދިސާ ހިނގިވަގުތުން ފެށިގެން "އަންމޭންޑް އޭރިއަލް ވެހިކަލް ޑްރޯންސް" ބޭނުންކޮށްގެން އެ ހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމަށް ޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ޑްރޯން އަކީ އިންފްރާރެޑް ސެންސާސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަޙައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވަނީ ނަމަ އެ އެއްޗެއް ދެނެގަތުމުގެ ގާބިލުކަން ހުރި ޑްރޯނެއް ކަމުގައި ވާތީ، ހާދިސާ ހިނގި ރޭ ވެސް އެ ޑްރޯން ބޭނުންކޮށްގެން ހާދިސާ ހިނގި ސަރަޙައްދުން މީހުން ފެނޭތޯ މަސައްކަތް ކޮށްފައި ވާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

"މިގޮތުން ދޯނި އަޑިޔަށް ދިޔުމާ ގުޅިގެން ކަނޑުމަތިން އޮޔާދާ ގޯންޏާއި އެނޫންވެސް ޑެބްރީސްގެ ގޮތުގައި ބެލެވޭ އޮޔާދާ ތަކެތި ވަނީ ޔޫއޭވީސްގެ ސެންސަރުތައް ބޭނުންކޮށްގެން ދެނެގަނެވިފައެވެ. މީގެއިތުރުން އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރައްވާފައިވާ މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން"ގެ އިތުރުން ކޯސްޓްގާޑުގެ އިންޓަސެޕްޓަރު ކްރާފްޓްސް އާއި ހާބަރު ޕެޓްރޯލް ލޯންޗާއި އަދި ޕޮލިސް ލޯންޗުން ވަނީ މީހުން ހޯދުމަށްޓަކައި މި ސަރަޙައްދު ބަލާފައެވެ. އަދި ހުވަދޫ ކަނޑުގެ ދެކުނުން ގއ.އަތޮޅުގެ ފަރުތަކާއި ހުވަދޫ ކަނޑުގެ އުތުރުން ލ.އަތޮޅުގެ ފަރުތައް ވެސް ވަނީ މިހާރު ބެލިފައެވެ،" އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދޯނި އަޑިޔަށް ދިޔަ ސަރަހައްދާއި، އޮޔާއި ވަޔަށް ބަލައިގެން މީހުން އޮޔާދާނެ ކަމަށް ބެލެވޭ މިސްރާބަށް ބަލައިގެން ހުވަދޫ ކަނޑުގެ ސަރަޙައްދުގެ ވަރަށް ބޮޑު ބަޔެއް ވަނީ ބަލާފައިވާ ކަމަށެވެ. އަދި މާދަމާގެ މަސައްކަތުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބެލޭނެ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެ ހާދިސާގައި ސަލާމަތްވި މީހުން ދީފައިވާ މަޢުލޫމާތަށް ބަލާއިރު، ދޯނި ފެތެމުންދިޔަ އިރު ދޯނިން ފުންމާލި އެންމެން ސަލާމަތްކުރެވިފައިވެއެވެ. އެ ދޯނިން ފުންމާލައި ސަލާމަތްވެފައިވާ މީހުންގެ ތެރޭގައި ދޯންޏަށް އެ ވަގުތު އަރާތިބި ކޯސްޓްގާޑުގެ ހާބަރު ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔާމަނަކާއި އަދި ފުލުހެއް ހިމެނެއެވެ. އަދި ދޯނީގައި އެވަގުތު ތިބި 3 ފަޅުވެރިން ވެސް ހިމެނެއެވެ.

އެމްއެމްއެންޑީއެފްގެ ބަޔާނުގައި އެ ހާދިސާގައި ސަލާމަތްވި ކޯސްޓްގާޑުގެ ހާބަރު ޕެޓްރޯލް ލޯންޗުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި، ކޯސްޓްގާޑުގެ ޑައިވަރު ސާޖަންޓް އަސްރާރު އަލީ، ކަނޑުގައި ހޭދަކުރި ވަގުތު ދޯނިން ދަތުރުކުރި ދެ ބިދޭސީން ސަލާމަތްކުރުމަށް ހުވަދޫ ކަނޑުގެ ތެރޭގައި ގަދަ ހިތްވަރާ އެކު ކޮށްފައިވާ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.

އަދި ހަމައެހެންމެ ސިފައިންނާއި ފުލުހުންނަކީ ގައުމީ ހިދުމަތުގައި ވާޖިބަށް އިސްކަންދީގެން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ކުރެވެންހުރި ކޮންމެ މަސައްކަތެއް ކުރާ ހިތްވަރުގަދަ ބަޔެއްކަމުގެ ލާމަސީލް ނަމޫނާ ދިވެހި އަސްކަރިއްޔާގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހްމަދާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ ސާޖަންޓް އަލީ ނާފިއު އާއި، ސާޖަންޓް އަލީ ސައިފްގެ ފަރާތުން ފެނިގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.

ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ދޯނީގެ ކެޕްޓަން ދޯނި ސަލާމަތްކުރެވޭތޯ ހިތްވަރާ އެކު މަސައްކަތް ކޮށްފައިވާއިރު، ދޯނި އަޑިޔަށް ދިޔައީ ވަރަށް ކުއްލި ގޮތަކަށް ކަމަށްވެސް އެމްއެންޑީއެފް އިން ހާމަކުރެއެވެ. ދޯނި އަޑިޔަށް ދިޔުމާ ގުޅިގެން ގެއްލިފައިވަނީ ދޯނީގެ ކެޕްޓަނާއި، ސިފައިންގެ މީހަކާއި ފުލުހުންގެ މީހެކެވެ.

"މި ހާދިސާގައި ދޯނި އަޑިޔަށް ގޮސްފައި ވަނީ ހުވަދޫ ކަނޑުގެ ތެރެއަށެވެ. ދޯނި އަޑިޔަށް ގޮސްފައިވާ ސަރަޙައްދުގެ ފުންމިނަށް ބަލާ އިރު، 1600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވެއެވެ. މިއީ، އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓް ކުރާ ފުންމިނެއް ނޫންކަން ފާހަގަކުރަމެވެ. މި ހާދިސާ ހިނގިތާ 8 ދުވަސް ފާއިތުވެގޮސްފައި ވާއިރު، ހާދިސާގައި ނުފެނިފައިވާ 3 މީހުން ހޯދުމަށް ޓަކައި 2026 އޮގަސްޓް 14ވަނަ ދުވަހުގެ 18:00ގެ ނިޔަލަށް ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ،" އެމްއެންޑީއެފް އިން ބުންޏެވެ.

ބަޔާން ނިންމާލަމުން އެމްއެންޑީއެފް އިން ބުނީ ދިވެހި ސިފައިންނަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް، އެއްގަމާއި ކަނޑުގެ ސަރަހައްދުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ޓަކައި 24 ގަޑިއިރު މެދުކެނޑުމެއްނެތި ހިދުމަތްކުރަމުންދާ ޝަރަފުވެރި، ގައުމީ ލަޝްކަރެއް ކަމަށެވެ.

ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކާއި އަލިފާނުގެ ހާދިސާތަކުން ރައްޔިތުން ރައްކާތެރިކުރުމުގައި ސިފައިން އަންނަނީ ނުހަނު އިހްލާސްތެރިކަމާއެކު ގައުމީ ވާޖިބު އަދާކުރަމުން ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.