ރަށްރަށުގެ ކައުންސިލްތަކުގެ އިހްތިސާސްގެ ދަށުގައިވާ ބިންތަކާއި ފަޅުތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ފެށި ހަރަކާތުގައި ސޮއިކުރި މީހުންގެ އަދަދު 2,100 އަށްވުރެ މައްޗަށް އަރައިފިއެވެ.

މިއީ މަޖިލީހުގެ އީ-ޕެޓިޝަން ސިސްޓަމް މެދުވެރިކޮށް މިހާ ގިނަ އަދަދެއްގެ ސޮއި ލިބުނު ފުރަތަމަ ޕެޓިޝަނެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ވޯޓުލެވޭ އާބާދީގެ 0.5 އިންސައްތަ (2,100 ސޮއި) ހަމަވުމުން އެ ޕެޓިޝަނެއް "ހާއްސަ ޕެޓިޝަނެއް"ގެ ގޮތުގައި ބަލައިގަނެ، މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ދިރާސާކުރަން ފޮނުވަންޖެހެއެވެ. އަދި ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއެއްގައި އެ މައްސަލަ އެޖެންޑާކޮށް، ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުންވެސް މިހާރު ވަނީ ލާޒިމުވެފައެވެ.

އަމިއްލަ ފަރާތެއް ކަމަށްވާ މިދުއަމް ސައުދު ހުށަހެޅުއްވި އެ ޕެޓިޝަނަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނެކެވެ.

ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކެބިނެޓުގެ ނިންމުމަކުން ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭގޮތް ހެދުމަކީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ބާރުތައް ކެނޑި، ލާމަރުކަޒީ ނިޒާމުގެ އަސާސްތަކާ މުޅިން ހިލާފުކަމެކެވެ.

އަދި ސަރުކާރުގެ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އެޅޭނެ މަގު މި ބިލުން ފަހިވާތީ އެކަމުގެ ކަންބޮޑުވުންވެސް ހިއްސާކޮށްފައިވެއެވެ.

ބިލު ހުށަހެޅުއްވި މެންބަރު ހަންނާން ވިދާޅުވަނީ މި އިސްލާހުގެ ބޭނުމަކީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި ގާނޫނީ ގޮތުން ކައުންސިލްތަކުގެ އެއްބާރުލުން ކަށަވަރުކުރުން ކަމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ އިތުރުން ރަށްރަށުގެ ގިނަ ކައުންސިލްތަކުން އަންނަނީ މި އިސްލާހާ ދެކޮޅަށް ގަރާރުތައް ފާސްކޮށް، ނުރުހުން ފާޅުކުރަމުންނެވެ.